ޤަބޫލުކުރަން ހެއްޔެވެ؟ އިންސާނާގެ ހިތް މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށާއި، ދެމިއޮތުމުގެ ޢާލަމަށް ކުރާ ދަތުރެއްގެ މަތީގައެވެ. އަދި މިދަތުރުމަތީގައި، ސީދާވެގެންވާ މަގާއި ނަފްސުގެ ކުށްތަކާއި ކުރެވޭ ޢަމަލުތަކުގެ ކުށްތަކުގެ ތަފާތުތައް ރަނގަޅަށް ދެނެގަތުމުގެ ކުޅަދާނަކަން ހިތަށް ލިބިގެންވެއެވެ. މިދަތުރުގެ މިސްރާބުޖަހަނީ މިހިތަށް ލިބޭ އަލިކަމަކާއި، ދިރުމަކާއި، ބާރަކާއި، ސިއްޙަތަކާއި، ޢަޒުމަކާއި، ފެނުމާއި އިވުމުގައި ހުރި ހެޔޮކަމަކާއި، އަދި ހަމައެއާއެކު ކުރިޔަށް ދިޔުމަށް ހުރަސްއަޅާ ކަންތައްތައް ނެތުމުގެ އެހީއާއެކުގައެވެ. ދީނަކީ އިސްލާމްދީން ކަމުގައިވެފައި، މިމަތިވެރި ދީން އިންސާނާގެ ހިތާމެދު ދެކޭގޮތަކީ މިއީކަމަށްވާއިރު، އަޅުގަނޑުމެންނަށް މިދަތުރުގެ މިސްރާބަށް ކިތަންމެ ކުޑަ ހުރަހެއް ނަމަވެސް ގެނައުމުގެ އިޚްތިޔާރެއް ނޯވެއެވެ. ހަމައެފަދައިން އެ ހިތަށް ހުރަހެއް ގެނައުމަށް އެހީވެދޭ ކަންތައްތަކުގައި މަޝްޣޫލުވެގެން ހުރެފައި، މައްސަލައަކީ ކޮބައިހެއްޔޭ އެހުމުގެ ޖާގައެއްވެސް ނެތެވެ. މި ޙަޤީޤަތް ޤަބޫލުކުރެވެނީ ބުއްދިވެރީންނަށެވެ.

އިންސާނުން އެކަކު އަނެކަކާ ތަފާތުވާ ފަދައިން، ހިތަކީވެސް އޭގެ ތަފާތު ވައްތަރުތައް ހުންނަ މުޙިއްމު ނިޢުމަތެކެވެ. މީގެ ތެރޭގައި، ކުރަމުންގެންދާ ދަތުރަށް ހުރަސްއަޅާފަދަ ކަންތައްތަކަށް ޖާގައެއް ނުދޭ ހިތްތަކާއި، އެ ހުރަސްތަކަށް ޖާގަދޭ ހިތްތައްއެވެ. ވަރަށް ގިނަފަހަރު ފަހުން މިދެންނެވި ވައްތަރުގެ ހިތްތަކުގައި އުފެދޭ ސުވާލެއްވެއެވެ: " ޓެމްޕޓޭޝަން އައިލަންޑް" ނުވަތަ " ސެކްސް އެންޑް ދަ ސިޓީ" ފަދަ ޓީވީ ސިލްސިލާތައް ޤަވާޢިދުން ބެލުމާ، ނުވަތަ ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމުތަކަށް މަސްތުވުމާ، ނުވަތަ އިދިކޮޅު ޖިންސްގެ މީހުންނާއެކު ހޭދަކުރާ އެދުންވެރި ވަޤުތުތަކަށް ލޯބިކުރުންފަދަ ކަންކަމުގައި ހުރި މައްސަލައަކީ ކޮބައިހެއްޔެވެ؟ ނުވަތަ މިއަށްވުރެ ތިލަކޮށް ދަންނަވަނީނަމަ، އެދުންވެރިކަމާއި ޝަހްވަތްތެރިކަމާއެކު އިދިކޮޅު ޖިންސުގެ "ރީތި" ސިފަތަކަށް ބެލުމުގައިވާ މައްސަލައަކީ ކޮބައިހެއްޔެވެ؟ ފަހަރުގައި މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިޙަދީޡްފުޅު މިސުވާލުގެ ފުރިހަމަ ޖަވާބަކަށް ފުދިދާނެއެވެ:

" އިންސާނާ އެބެލުމަކާމެދު އެހެން އިންސާނުންނަށް ސިއްރުކުރަން ބޭނުންވާ އެދުންވެރި ބެލުމަކީ ޝައިޠާނާ އެއްލާ ތީރުތަކުގެ ތެރެއިންވާ ވިހަގަދަ ތީރެކެވެ. ފަހެ، އެޢަމަލުކުރާ އިންސާނާގެ މައްޗަށް ވަނީ ﷲގެ ލަޢުނަތެވެ. އަދި އެކަލާނގެއަށް ބިރުވެތިވެގެންވާ ޙާލު، އެ ނުބައި ޢަމަލު ދޫކޮށްފި މީހާއަކީ އެކަލާނގެ ޙަޟްރަތުން އީމާންކަމެއް ލިބިގެންދާނެ މީހެކެވެ. އެ އީމާންކަމުގައި ހުރި ފޮނިކަމެއްގެ ރަހަ އެމީހެއްގެ ހިތުގައި ޖެހިގެންދާފަދަ މަތިވެރި އީމާންކަމެކެވެ. " (އަލް ޙާކިމް)

މިހެންކަމުން، ސިއްރުން (ނުވަތަ ފާޅުގައި ވިޔަސް) ޝަހްވަތްތެރިކަމާއެކު މީހަކާ ދިމާލަށް އެއްލާ ކަޅި، މިއުންމަތުގެ ނަބިއްޔާ ސިފަކުރައްވާފައިވަނީ، އެއީ ޝައިޠާނާ އެއްލާ ގިނަގުނަ ތީރުތަކުގެ ތެރެއިން ތީރެއްގެ ގޮތުގައެވެ. އަދި އެ ތީރަކީ:

1. ހިތްތައް ވިހަކޮށްލާ،
2. ބޭނުންވި ގޮތްތައް އޮޅުވާ ބަދަލުކޮށްލާ،
3. ނުބައި ޚިޔާލުތަކާއި އެދުންތަކަށް ދޮރު ހުޅުވާލާ،
4. "ޙަޤީޤަތް" މާނަކުރާ ގޮތް އޮޅުވާލާ،
5. ނަމާދާއި ދުޢާތަކުން ލިބޭ އުފާތަކަށް ހުރަސްއަޅާ،
6. ބައެއްފަހަރު ނިދިނާންނާ ރޭތަކަށް މަގުދައްކާ،
7. ޝައިޠާނާގެ ގިނަމަޅިތަކަށް ހިތް ބަލިކަށިކޮށްލާ،
8. މުނާފިޤުކަމުގެ ސިފަ އަށުގަންނުވާ،
9. ހަނދާންކުރުމުގެ ބާރު ނިކަމެތިކޮށްލާ،
10. އެންމެފަހުން ޒިނޭ ފަދަ ނުބައި ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތަކަށް މަގުފަހިކޮށްދޭ،
11. އަދި މިހުރިހާކަމެއްގެ މައްޗަށް، ﷲ ދެކެވާ ލޯތްބާއި އެކަލާނގެއަށްވާ ބިރުވެތިކަން ނެތިކޮށްލާ ވިހަގަދަ ތީރެއްގެ ގޮތުގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ޢަމުރުކުރައްވާ ވަޙީކުރެއްވި ބަސްފުޅަށް ފަހެ ވިސްނާބައްލަވާށެވެ.

" އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް، މުއުމިނު ފިރިހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އެގޮތް އެމީހުންނަށް ސާފުކަން ބޮޑެވެ. ހަމަކަށަވަރުން މާތް ﷲ އީ، އެބައިމީހުން ކަންތައްކުރާ ގޮތް ދެނެވޮޑިގަންވާ ރަސްކަލާނގެއެވެ." (އައްނޫރު / 30)
ހަމަ މިއާޖެހިގެން އަންނަ އާޔަތުގައި މުއުމިނު އަންހެނުންނަށްވެސް މިފަދައިން ވިދާޅުވުމަށް އެކަލާނގެ ވަޙީކުރެއްވިއެވެ.

މިތަނުގައި ބެލުންތިރި ކުރުމަކީ، ބެލުން މަނާ ތަންތަން ނުބަލައި ތިބުމެވެ. ފަރްޖުތައް ރައްކާތެރިކުރުމަކީ، ހުއްދަނޫން ޢަމަލުތަކުން ޖިންސީ ގުނަވަންތައް ރައްކާތެރިކުރުމެވެ. އަލްމުޙިއްބޫން (ﷲ ދެކެ ލޯބިވާ މީސްތަކުން)ގެ ތެރެއިން ބައެއް މީހުން ބުނެއުޅޭކަމަށް ބުނެވިފައިވެއެވެ: "މި ދުނިޔެމަތީގައި އުޅުނު އެންމެ ނަސީބު ދެރަ މީހަކީ، މި ދުނިޔެ ދޫކޮށްފަ ދާއިރު، މިދުނިޔެގައިވާ އެންމެ ފޮނި ރަހަ ނުދެކޭ މީހާއެވެ." އެމީހުންކުރެ އެއީ ކޮންއެއްޗެއްތޯ އެއްސެވުމުން ޖަވާބުގައި ބުނިކަމަށް ވެއެވެ: "އެއީ މާތް ﷲ ދެކެވާ ލޯތްބެއްގެ ފޮނިކަމެވެ. އެކަލާނގެ ވަލީވެރިއަކަށް ވުމުގައި ލިބޭ ހިތްހަމަޖެހުމާއި، އެކަލާނގެ ޙަޟްރަތަށް ދިޔުމަށް އެދޭ އެދުމާއި، އެކަލާނގެއަށް ބޯލެނބުމާއި، އެކަލާނގެ ފިޔަވާ އެހެން ހުރިހާ ކަންކަމުން ދުރުހެލިވުމުގައި ލިބޭ ފޮނިކަމެވެ." އަޅުގަނޑުމެން ކޮންމެ މީހަކީވެސް މި ރަހަދެކެން ބޭނުންވާނެ މީހެކެވެ. އެހެންވެއްޖެނަމަ، މިހިތް ކުރަމުން މިގެންދާ ދަތުރަކީ އޮމާން ފަސޭހަ ދަތުރަކަށް ވާނެއެވެ. އަދި މި ދަތުރަށް ހުރަސް އަޅާ ކޮންމެކަމަކީ ބޮޑު މައްސަލައަކަށްވެސް ވާނެއެވެ. މައްސަލައެއްވާނަމަ އެމައްސަލައަކީ ކޮބައިކަންވެސް ފެންނާނެއެވެ.

ކޮންމެ ހިތެއްމެ ކުރަމުން މިގެންދާ ދަތުރާއި އެހިތެއްގެ އަހުލުވެރި ލޯ އެދުންވެރިކަމާއެކު އެއްލާ ކަޅިއަކާ ހުރި ގުޅުމަކީ ކޮބައިކަން ވަރަށް ރަނގަޅަށްވެސް ދޭހަވެއެވެ. ދަތުރުގައި ދިމާވާ ހުރަހަކީ ހަމައެކަނި ލޮލުން ކުރެވޭ ފާފައަކަށް ނުވިއެއްކަމަކު، ޙަޤީޤަތުގައި އިންސާނާގެ ޢަމަލުތަކަށް އެންމެ ފުރަތަމަ މަގުފަހި ކޮށްދޭކަމަކީ އެއިންސާނެއްގެ ލޮލުން ބަލާ ބެލުމޭ ދެންނެވުމުން އެއީ ދޮގަކަށް ނުވާނެއެވެ. ކަންއޮތީ މިހެންކަމަށްވާއިރު، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އަނެއްކަމަކީ، އެމުޖުތަމަޢެއްގައި މި ހުރަސްތަކަށް ދޮރުހުޅުވައިދޭ މުޖުތަމަޢެއްގައި އުޅޭ އިންސާނަކީ އަދި ވަކީން ޚާއްޞަކޮށް މިކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ މީހެއްކަމެވެ. މުޖުތަމަޢުގައި އުޅޭއިރު ޝައިޠާނާ އެއްލާ މިތޫނު ތީރުން ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ އަންނަނިވި ކަންތައް ހިތުގައި ބަހައްޓައިގެންނެވެ.

1. ﷲ އަށްޓަކައި ކުރާ ޛިކުރުގެ ބާރުގަދަކަން
2. ތިމާއަށް ކުރާކޮންމެ ޢަމަލަކާމެދު ސުވާލުވެވޭނެކަން
3. ހިނގުމުގައި އަބަދުގައިވެސް ބެލުން ތިރިކުރުން
4. އިށީންނައިރު ރަނގަޅު ގޮނޑިއެއް އިޚްތިޔާރުކުރުން
5. ހެޔޮލަފާ ރަނގަޅު އެކުވެރިން އިޚްތިޔާރުކުރުން
6. ހަޑި ޖޯކުތަކާއި ނުރަނގަޅު ފިލްމާއި މިޔުޒިކް ބަލާ ރައްޓެހިންނާއެކު ވަގުތު ހޭދަނުކުރުން
7. އެކަނިއިނދެ ޓީވީނުބެލުމާއި އިންޓަރނެޓް ސަރފްނުކުރުން
8. އެއްވެސް ކަމެއް ނުކޮށް ނުހުރުން/ އަބަދުވެސް ފޮތްކިޔުން
9. ސުންނަތް ރޯދަ ގިނަކުރުމާއި ހެޔޮ ޢަމަލު އިތުރުކުރުން
10. އަބަދުވެސް މަރުގެ މަތިން ހަނދާންކުރުން
11. އިސްލާމީ މަސައްކަތްތަކުގައި ގިނައިން ބައިވެރިވުން
12. އަދި އަބަދުގައިވެސް ﷲގެ ޙަޟްރަތަށް އެނބުރި ގިނަގިނައިން ތަޥްބާވުން

އަޅުގަނޑުމެންގެ މިހިތްތައް ކުރަމުންމިގެންދާ ދަތުރުގައި ކާމިޔާބު ލައްވާށިއެވެ. އަޅުގަނޑުމެންނީ ހެޔޮބަސް އަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވަވާ، ތަޤްވާވެރިންކަމުގައި ލައްވާށިއެވެ. އާމީން.

0 comments:

Latest Articles

Newsletter

Click to Download

Archive

About

My photo
Mal'e, Maldives
Majeediyya School Islamic Forum is a co-curricular club working inside Majeediyya to promote and uphold Islamic awareness amongst the students.