ލޮބުވެތި ދިވެހި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ބަރަކާތުން ފުރިގެންވާ، ރަޙްމަތާއި ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ މައްސަރު އަޅުގަނޑުމެންނާއި ވަކިވެގެން ހިނގައްޖެއެވެ. ހެޔޮ ގޮތުގައި އެ މައްސަރު ހޭދަކުރެވުނު މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. ހެޔޮ ގޮތުގައި އެ މައްސަރު ހޭދަ ނުކުރެވުނު މީހަކަށް ހިތާމަ ހުއްޓެވެ!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔުމުން، އަމިއްލަ ނަފްސުތަކާ ކޮށްލަން ޖެހޭ އެންމެ ފުރަތަމަ ސުވާލަކީ، މި ރަމަޟާންމަހުގެ ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯއެވެ؟ ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވި ޙިކުމަތަކީ އަޅުތަކުން ޚާލިޤުވަންތަ ﷲ އަށް ތަޤުވާވެރިވުމެވެ. އަމުރަށް ކިޔަމަންވެ، ނަހީތަކުން ދުރުވެ، ﷲގެ ކޯފާއާއި ތިމާއާއި ދެމެދު ހުރަހެއް ހަދާލުމެވެ. މިކަން ފުރިހަމަ ކުރެވުނުތޯ ނުވަތަ ނޫންތޯ ބަލާލެވިދާނެ ގޮތެއް ޢިލްމުވެރިންވަނީ ބަޔާންކުރައްވާފައެވެ. އެއީ؛

ރަމަޟާންމަސް ނިމުމަށްފަހުގައިވެސް، ހެޔޮކަންތައް ކުރުންމަތީ ދެމި ހުރެވޭ ނަމަ، އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ކުރެއްވި ކަމުގެ ޢަލާމާތެކެވެ. އެއާ ޚިލާފަށް އެ މައްސަރު ނިމި ދިޔުމަށްފަހު އަޅުކަމާއި ދުރަށް ދެވޭ ނަމަ އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ނުކުރައްވާ ކަމުގެ ޢަލާމާތެކެވެ.

އަހަރެމެންގެ ކުރީގައި އުޅުއްވި ޞާލިޙު އަޅުން (ސަލަފުއްޞާލިޙުން)، ރަމަޟާން މަސް އައުމުގެ ހަ މަސް ކުރިއްސުރެ، ހެޔޮގޮތުގައި ހޭދަކުރެއްވުމަށްޓަކައި ރަމޟާންމަސް ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވާކަމުގައި ވެއެވެ. އަދި ރަމަޟާންމަސް ލިބިއްޖެނަމަ، އެ މަހުގެ ރޭތައް އަޅުކަމުގައި، ދުވާލު ރޯދައިގައި ހޭދަ ކުރައްވައެވެ. އެއަށްފަހު، އެމަސް ނިމުމުން، އެމަހުގައި ކުރި އަޅުކަންތައް ޤަބޫލު ކުރެއްވުން އެދި، ޖެހިގެން އަންނަ ހަ މަސްދުވަހު ﷲ އަށް ދުޢާ ދަންނަވާކަމުގައި ވެއެވެ.

ދެން އަޅުގަނޑުމެންގެ ޙާލާމެދު ވިސްނާލަމާ ހިންގަވާށެވެ! އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ރަމަޟާންމަހަށް އަޅުކަން ކުރާ މީހުންނެވެ. އެބައިމީހުންނަށް މިސްކިތްތައް ފެންނަނީވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގައެވެ. ރަމަޟާން މަހުގެ ގިނަ ނަމާދުތަކެއް ޖަމާޢަތުގައި މިސްކިތުގައި މިބައިމީހުން ކުރެއެވެ. އެއަށްފަހު މިފަދަ މީހުން ޢީދު ނަމާދާއެކު މިސްކިތަށް އަލްވަދާޢުކިޔައެވެ. މިއީ ގިނަ ބަޔެކެވެ.

ﷲ އެމީހަކަށް ރަޙްމަތްލެއްވި ބަޔަކު ފިޔަވައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ޙާލަކީ މިއީއެވެ.

މިގޮތަށް މިބައިމީހުންގެ ޙާލު ހުންނައިރު، މިބައިމީހުންނަކީ ރަމަޟާންމަހަށް އަޅުކަންކުރާ ބައެކޭ ހީވާ ކަހަލައެވެ. އެހެނީ ހަމަ އެމައްސަރު ދިޔުމާއެކު ނަމާދާއި، ރޯދައާއި، ﷲގެ މަގުގައި ހޭދަކުރުމާއި، ޛިކުރު ކުރުން ފަދަ އަޅުކަންތައް ކުރުން ހުއްޓާލައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރަމަޟާންމަހަށް އަޅުކަން ނުކުރައްވާށެވެ! އަޅުކަން ކުރަންޖެހޭނީ ޚާލިޤުވަންތަ ދިރިދެމިވޮޑިގެންވާ އިލާހަށެވެ. އެއީ އަހަރެމެން އެއިލާހަށް އީމާންވާ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވަނީ އެއިލާހެވެ. އެއިލާހު ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.

އޭ ރަމަޟާންމަހަށް އަޅުކަންކުރާ މީހާއެވެ! ހަމަކަށަވަރުން ރަމަޟާންމަސް ނިމިއްޖެއެވެ!

އޭ ﷲ އަށް އަޅުކަންކުރާ މީހާއެވެ! ހަމަކަށަވަރުން ﷲ އީ ދިރިދެމިވޮޑިގެންވާ އިލާހެވެ!

0 comments:

Latest Articles

Newsletter

Click to Download

Archive

About

My photo
Mal'e, Maldives
Majeediyya School Islamic Forum is a co-curricular club working inside Majeediyya to promote and uphold Islamic awareness amongst the students.