އިންސާނާ ދުނިޔެއަށް ވުޖޫދުކުރެވި ފޮނުވެނީ ނެތުމަކުންނެވެ. އެއީ ޢާލަމްތައް ހައްދަވައި ގެންގުޅުއްވާ އިލާހުގެ ކަށަކުޅަދުންވަންތަ ކަމުންނެވެ. އޭނާއަށްޓަކާ ތަފާތު ޢާލަމްތައް ލެއްވިއެވެ. ތަފާތު ދުނިޔެ ލެއްވިއެވެ. އޭގެތެރެއިން އެއްތަނަކީ އޭނާގެ ބަފައިންގެ އަޞްލާބުތަކެވެ. ދެން އެއަށްފަހު މައިންގެ ރަޙިމަށެވެ. އެއަށްފަހު ދުނިޔެއަށް ވުޖޫދުކުރައްވައެވެ. ދުނިޔޭގައި އޭނާގެ ދަންފަޅިހަމަވުމުން ބަރުޒަޚަށް ފޮނުއްވައެވެ. ކަށްވަޅުގައި އޮތުމަށްފަހު ޤިޔާމަތްވެ، ދެވަނަ ތާޅަފިލި ފުއްމެވުމުން އޭނާ ކަށްވަޅުން ތެދުކުރައްވައެވެ. އެއީ އާޚިރަތެވެ. ދެން އެތާނގައި އޭނާއާ ކަންތައްތަކާ މަތިވާނެއެވެ. އޭނާ ދުނިޔޭގައި ކޮށްފައިވާ ޢަމަލަކާ ގުޅޭ ގޮތުން ސުވަރުގެ ނުވަތަ ނަރަކައިގެ ގޮވަތީގެ އަހުލުވެރިއަކަށް އޭނާ ވާނެއެވެ.

ކަށްވަޅާއި ބަރުޒަޚު:

އިންސާނާއަށް ދިރިއުޅެން އޮތްތަނެއްގެ ގޮތުގައި ދުނިޔެވީފަދައިން ދުނިޔޭގެ ދަންފަޅި ނިމިމުން އޭނާއަށްޓަކައި ދެންއޮތް ދުނިޔެއަކީ ބަރުޒަޚެވެ. މިއީވެސް ދިރިއުޅުމެކެވެ. އެހެނިހެން ދިރިއުޅުންތައް ވާފަދައިންނެވެ. މިތަނުންވެސް ނިޢުމަތްތަކާއި ޢަޛާބުތައް ކުރިމަތިވާނެއެވެ. އެކަމަކު އެމީހަކު ދުނިޔޭގައި ކުޅަޢަމަލަކާ ގުޅޭގޮތުންނެވެ. މިތާނގައި ނިކަމެތިކަމާއި ހައިހޫނުކަން އޮތީ އަދި ގަދަފަދަ ވެގެންވާ ޢަޛާބާއި ކުރިމަތިލުން އޮތީ ކާފިރުންނަށެވެ. މުސްލިމް ފާޖިރުންނަށެވެ. ފާސިޤުންނަށެވެ. ފާފަވެރިންނަށެވެ. އާޚިރަތަށް ފުރިހަމައަށް އީމާންނުވާ މީހުނަށެވެ. ދުނިޔޭގައި ތިމާއަށް ލިބުނު ފުރުޞަތުގެ ބޭނުން ފުރިހަމައަށް ނުކުރި މީހުންނަށެވެ.

ބަރުޒަޚަކީ މީހާގެ ހަށިގަނޑުން ފުރާނަ ވަކިވީއްސުރެން ފެށިގެން ޤިޔާމަތާ ޖެހެންދެން އެމީހަކު އުޅެމުންދާ ދުވަސްވަރެވެ. މިއީ ދުނިޔެއާއި އާޚިރަތާއި ދެމެދުވާ ހުރަހެކެވެ. ނުވަތަ ހަރުފަތެކެވެ. ދެން އިންސާނުންގެ ތެރެއިން ގިނަމީހުން މަރުވުމުން ވަޅުލަމުންދާތީއާއި އަދި ސަމާވީ ހުރިހާ ދީނެއްގައި ވެސް ވަޅުލުން އޮންނާތީ މިއަށް ޤަބުރު ނުވަތަ ކަށްވަޅޭ ކިޔެއެވެ. އެހެންކަމުން އަންދާލެވުނު ކަމުގައި ވިއަސް ނުވަތަ ކަނޑަށް ފެތުނު ކަމުގައި ވިއަސް ނުވަތަ ވަޔަށް ބުރައިގެން ދިޔަ ކަމުގައި ވިއަސް އެއީ އެމީހާގެ ޤަބުރެވެ. ކަށްވަޅުގެ ކަންތައް އެމީހަކާމެދު ހިނގާނެއެވެ. ކަށްވަޅަށް ދިއުމަކީ ތިމާގެ މަންމަގެ ބަނޑުން ދުނިޔެއަށް އަންނަފަދައިން ދެވޭތަނެއްކަމުގައި ލޮބުވެތި ރަސޫލާގެ އަރިހުން ވާރިދުވެފައިވެއެވެ. (ރިވާކުރެއްވީ އަޙްމަދެވެ.) އެހެންކަމުން ކަށްވަޅަކީ ބައެއްމީހުނަށްޓަކައި ހުރި އުހައުވެރިކަމުގެ ގޮވައްޗެކެވެ. އަނެއްބަޔަކަށްޓަކައި ހުރި ހިތާމައާއި ކެކުޅުމުގެ ގޮވައްޗެކެވެ. އެމީހެއްގެ ކަށްވަޅު އަމާންކުރުމާއި ނާމާންކުރުމުގެ ބާރުއޮތީ ޙަޤީޤަތުގައި އެމީހެއްގެ އަތްމަތީގައެވެ. އެމީހަކު ދުނިޔޭގައި ކުޅަ ޢަމަލެއްގެ ނަތީޖާއަކުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުތަކުން ކަނޑައެޅިގެން ސާބިތުވާފަދައިން މީހާ މަރުވުމަށްފަހު ދެވަނަ ފަހަރަށް އޭނާގެ ހަށިގަނޑަށް ފުރާނަ އަޅުއްވައެވެ. އަދި ދުނިޔޭގައި ދިރިހުންނަ ފަދައިން އޭނާ ކަށްވަޅުގައި ދިރިހުރެއެވެ. ނަމަވެސް އެކަން އަޅުގަނޑުމެންނަށް އިޙްސާސް ނުވަނީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އިމާމް އިބްނުމާޖާ ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. "ތިޔަބައިމީހުން މައްޔިތެއްގެ ކަށްޓަށް ހާނިއްކަކޮށް ބިންދައި ނަހަދާށެވެ. މައްޔިތެއްގެ ކަށިގަނޑެއް ބިންދުމެކޭ ދިރިހުރިމީހެއްގެ ކަށިގަނޑެއް ބިންދުމެކޭ (ތިމާއަށް ހުރި ފާފައިގެ ގޮތުންނާއި އެމީހާއަށް ހުރި ވޭނުގެ ގޮތުން) އެއްފަދަ ވާނެއެވެ." އެއްފަހަރެއްގައި މާތްﷲ ރުއްސުންލެއްވި ޢަމްރު ބިން ޙަޒުމު ޤަބުރަކަށް ލެނގިލައްވައިގެން އިންނަވަނިކޮށް ކީރިތި ރަސޫލާއަށް ފެނިވަޑައިގެން ހަދީޘު ކުރެއްވިއެވެ. "ތިޔަ ޤަބުރުގައިވާ މީހާއަށް އަނިޔާ ނުކުރާށެވެ." (މިޝްކާތު)

ކަށްވަޅުގެ ނިކަމެތިކަން:

ނުބައިމީހުންގެ ފުރާނަ މިދުނިޔެއިން ވަކިވެ އާޚިރަތާއި ކުރިމަތިލުމުން ކަޅުއަނދިރި މޫނެއްގެ ވެރި އެތަކެއް ހާސް މަލާއިކަތުން ވަރަށް ނުބައި ވަސްދުވާ ސާންތިތަކެއް ހިއްޕަވައިގެން އޭނާގެ ކައިރިއަށް ވަޑައިގެން އެތުރިގެން ތިއްބަވާނެއެވެ. މިބެއިކަލުންގެ ސަފުތައް އޭނާގެ ލޮލުކޮޅަށް ދެމިގެންދާނެއެވެ. އެހިދު މަލަކުލް މައުތި ވަޑައިގެން ވިދާޅުވާނެއެވެ. " އޭނުބައި ފުރާނައާއެވެ. ﷲގެ ނުރުއްސެވުމާ ދިމާއަށް އަންނާށެވެ." އެކަލޭގެފާނުންގެ މިއަޑުފުޅު އަހާފައި އެމީހާގެ ފުރާނަ ހަށިގަނޑުގެ ތެރޭގައި އެތަންމިތަނަށް ދުވަން ފަށާނެއެވެ. ދެން އެމަލާއިކަތާ އޭނާގެ މެއާއި މޫނާއި ބުރިކަށީގައި އަލިފާނުގެ ހަންމުށިން ތަޅުއްވަން ފަށްޓަވާނެއެވެ. އަދި ތުނި ފަށުއި ފޮތިކޮޅެއް ފަތްނެތް ކަށިގަހެއްގެ ތެރެއިން ދަމާނެރޭ ފަދައިން އެފުރާނަ އެހަށިގަޑުގެ ތެރެއިން ދަމައި ނެރުއްވާނެއެވެ. ވަގުތުން އެއްކަލަ މަލާއިކަތުން އެބެއިކަލުން ގެންނެވި މުޑުދާރު ސާންތި ތަކުގައި އެފުރާނަ އޮޅާލައްވައިގެން ގެންދަވާނެއެވެ. އެވަގުތު މުޅަ މަސްގަނޑެއް ކުނިވެގެން ފުޅައަޅައިގެން ދުވާ ވަހަށް ވުރެން ނުބައި ވަސް ދުވާނެއެވެ. މިކަމާހުރެ އުޑުގެ އެއްވެސް ދޮރުކޮޅެއް މިފުރާނައަށްޓަކައި ނުހުޅުވޭނެއެވެ. ދެން މިފުރާނަ އުޑާހަމައަށް ގެންދިއުމަށްފަހު އެނބުރި ބިމަށް ގެނެވި، އެހަށިގަނޑަށް ލެއްވޭނެއެވެ. ދެން ނަކީރު މުންކަރު ދެމަލާއިކަތުން ސުވާލު ކުރައްވާނެއެވެ. އެބޭކަލުންގެ އެއްވެސް ސުވާލަކަށް އޭނާއަށް ޖަވާބު ނުދެވޭނެއެވެ. ދެން އޭނާގެ ގައިގެ ދަށުގައި އަލިފާން ރޯކުރެވޭނެއެވެ. އަދި އޭނާ އަލިފާނުގެ ހެދުމެއް ލެއްވޭނެއެވެ. އަދި ކަށްވަޅުގެ އެއްފަރާތާއި އަނެއް ފަރާތް ޖެހި އޭނާ ފިތިގެންގޮސް ، އެއްއަރިކަށީގެ ކަށިތައް އަނެއް އަރިކަށީގެ ތެރެއަށް ވަދެ ، ފުނޑުފުނޑުވެ މަސްހުނިވެދާނެއެވެ. ދެން ނަރަކައިގެ ދޮރުތައް އެކަށްވަޅާ ދިމާއަށް ހުޅުވާލެވޭނެއެވެ. އަދި ނަރަކައިގެ އަލިފާނާއި ގަދަފަދަ ހޫނު ވައިރޯޅި އެދޮރުތަކުން ވަންނަމުންދާނެއެވެ. މިގޮތަށް އޭނާ ޤިޔާމަތް ވަންދެން މިވޭންދެނިވި ޢަޛާބުގައި ދެމިހުންނާނެއެވެ. އޭނާއަށް ލިބެމުންދާ ޢަޛާބުގެ އަޑުފަށްގަނޑު ޖިއްނީންނާއި އިންސީން ފިޔަވައި ދިރިތިބި ހުރިހާ މަޚްލޫޤުންތަކަށް އިވޭނެއެވެ. އެއްފަހަރެއްގައި ލޮބުވެތި ރަސޫލާ ތަނަކަށް ވަޑައިގަންނަވަނިކޮށް އެކަލޭގެފާނުގެ ބަޣަލް އަސްކޮޅު ހޭރެން ފެށުމުން ހަދީޘު ކުރެއްވިއެވެ. "އިންސާނުންނަށް ކަށްވަޅުގެ ޢަޛާބު ދެވެނީއެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޅުލާއުޅުން ދޫކޮށްނުލާނެ ކަމުގެ ބިރުފުޅު ތިމަންކަލޭގެފާނަށް ނުވާނަމަ ތިމަންކަލޭގެފާނަށް މިއަޑުއިވޭފަދައިން ތިޔަބައިމީހުނަށް އަޑުއިއްވާދެއްވުމަށްއެދި ﷲއަށް ދުޢާ ދެންނެވީމުހެވެ. (އަޙްމަދު ، މުސްލިމް ، ނަސާއީ)

ކަށްވަޅުގެ ޢަޛާބާއި އެތާނގެ ނިޢުމަތަކީ ތެދު ޙަޤީޤަތެކެވެ. މިއީ އަހުލުއްސުއްނަތު ވަލްޖަމާޢަތުގެ ޢަޤީދާއެވެ. ޞާލިޙު އަޅުތަކުންނަށް އެތާނގައި އަރާމާއި އުފަލާއި ނިޢުމަތް ލިބިލިބި ޤިޔާމަތާއި ހަމައަށް އުފާވެރި ދިރިއުޅުމެއްގައި އުޅޭފަދައިން ކާފިރުތަކުންނާއި ނުބައިމީހުންނަށް ވޭނާއި ޢަޛާބު ހުއްޓެވެ. މިކަންކަން ކީރިތި ރަސޫލާގެ އެތަކެއް ޙަދީޘް ތަކުން ސާބިތުވެގެން ވެއެވެ. އަދި ޤުރުއާނުގެ އެތަކެއް އާޔަތްތަކުން ދޭހަވެގެން ވެއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކޮންމެ ދުވަހަކު އެތަކެއް ފަހަރުމަތިން ކަށްވަޅުގެ ޢަޛާބުން ސަލާމަތްކުރެއްވުން އެދި ﷲއަށް ދުޢާދަންނަވާކަމުގައި ޢާއިޝަތުގެފާނުގެ ކިބައިން ވަރަށްގިނަ މުޙައްދިޘުން ރިވާކުރައްވާފައިވެއެވެ. އަދި އެތަނުގެ އަޛާބުން ސަލާމަތްކުރައްވާތޯ ނަމާދުގެ އައްތަޙިއްޔާތުގައި ދުޢާދެންނެވުމަށް ވެސް އެކަލޭގެފާނު ވަނީ އިރުޝާދު ދެއްވާފައެވެ.

ހަރުފަތަކުގެ ޢަޛާބު:

ކަށްވަޅުގައި އަލިފާނުގެ ޢަޛާބުގެ އިތުރުން އެހެނިހެން ތަކެތީގެ ޢަޛާބުން ޢަޛާބު ލިބޭނެއެވެ. އޭގެ ތެރެއިން އެކައްޗަކީ ހަރުފަތަކުގެ ޢަޛާބެވެ. މިޝްކާތުގައި މާތްﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. "ކަށްވަޅުގައި ކާފިރާގެ މައްޗަށް ނަވާނަވައި ހަރުފަ ފާކުރެއްވޭނެއެވެ. އެހަރުފަތައް ޤިޔާމަތާ ހަމައަށް އެމީހާގެ ގަޔަށް ވިހަލަމުން ގެންދާނެއެވެ. އެހަރުފައިގެ ވިހަގަދަކަމުގެ ހުރި މިންވަރަކީ އެއިން އެއްޗެއް އެންމެ ފަހަރަކު މިބިމަށް ވިހަލައިފުމުން ބިމުގައި އެންމެ ރޯގަހެއްހައި މިންވަރުވެސް ނުހެދޭނެއެވެ." އެބަހީ ބިމުގެ ދިރުން ނެތިގެން ހިނގައިދާނެއެވެ.

އަލިފާނުންވާ ދަގަނޑު ގުރުޒްތަކުން ޢަޛާބު ލިބުން:

މާތްﷲ ރުއްސުންލެއްވި ބައްރާ ބިން ޢާޒިބުގެ އަރިހުން އިމާމު ބުޚާރީއާއި ނަސާއީ ރިވާ ކުރައްވާފައި ވެއެވެ. "ކާފިރުންނާއި މުނާފިޤުން ނަށް ކަށްވަޅުގައި ޢަޛާބު ދެއްވުމަށްޓަކައި އިވުމެއް ފެނުމެއް ނުވާ ޒަބާނިއްޔަ މަލާއިކަތަކު މުޤައްރަރު ކުރެއްވޭނެއެވެ. އަދި އެމަލާއިކަތާގެ އަތްޕުޅުގައި އަލިފާނުންވާ ދަގަނޑު ބޮޑު ގުރުޒެއް (އެބަހީ މަރުތޭލެއް) އޮންނާނެއެވެ. އެގުރުޒުން ބޮޑު ފަރުބަދައެއްގައި ޖަހައިފިނަމަ އެފަރުބަދަ ފުނޑުފުނޑު ވެގެން ވެއްޔަށް ވެދާނެއެވެ. ދެން އޭނާގެ ގައިގައި އެއިން އެއްފަހަރު ޖައްސަވާލެއްވުމުން އޭނާ ލަވާ ހަޅޭގެއަޑުގެ ގަދަކަމުން އިންސީންނާއި ޖިއްނީން ފިޔަވައި ދުނިޔޭގައި ވާހާ މަޚްލޫޤުންތަކަށް އިވޭނެއެވެ. އަދި އެއިން އެއްފަހަރު ޖެއްސެވުމުން އޭނާ ވެއްޔަށް ވެގެން ހިނގައިދާނެއެވެ. ދެން އަނެއްކާ އޭނާ ހުރިގޮތަށް އިޢާދަ ކުރެއްވޭނެއެވެ. އަނެއްކާވެސް އޭނާއަށް އެގުރުޒުން ޢަޛާބުލިބޭނެއެވެ. މިގޮތަށް އޭނާއަށް ޢަޛާބު ލިބިލިބި ހުންނާނެއެވެ.

ކަށްވަޅުގެ ޢަޛާބު ލިބުމުގެ ބައެއް ސަބަބުތައް:

ކަށްވަޅުގެ ޢަޛާބު ލިބޭ ވަރަށް ގިނަ ސަބަބުތަކާއި ފާފަތައް ދީނުގައި ސާބިތުވެގެން ވެއެވެ. އޭގެތެރެއިން ބައެއް ކަންތައް ތިރީގައި ބަޔާންކުރަމެވެ. އެއީ:

1- ދެބައޮޑުވުން. (ދެބަކޮށުން)

2- ޣީބަބުނުން. (ނެތިމޮށުން)

3- ތިމާގެ ކުޑަކަމު ޙާޖަތުންނާއި ޖަނަވާރުތަކުގެ ކުޑަކަމު ނަޖިހުގެ ތިކިތަކުން ރައްކާތެރި ނުވުން.

4- ދޮގުހެދުން.

5- ލިބިފައިވާ ދީނީ ޢިލްމަށް ޢަމަލު ނުކުރުން.

6- ޒިނޭކުރުން.

7- ރިބާކެއުން.

8- މައްޔިތާގެ ގާތްތިމާގެ މީހުން އޭނާގެ މައްޗަށް އަޑުލައި ރުއިހެދުން.

9- ކީރިތި ރަސޫލާގެ މައްޗަށް ދޮގު ހެދުން.

ދެޤަބުރަކަށް ޢަޛާބުލިބޭތަން ދެކެވަޑައިގެން ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. އެދެމީހުނަށް މިހާރު ޢަޛާބުލިބެނީއެވެ. އަދި އެއީ އެމީހުން ދެކޭގޮތުން މާބޮޑު ކަމެއް ކަމުގައި ނުވިއަސް ބޮޑު ދެކަމެކެވެ. އެކަކީ ދެބައޮޑުވާ މީހެކެވެ. އަނެކަކީ ކުޑަކަމު ޙާޖަތުގެ ނަޖިހުން ރައްކާތެރިނުވާ މީހެކެވެ. (މިޙަދީޘު ވަރަށްގިނަ މުޙައްދިޘުން ރިވާކުރެއްވިއެވެ.) އަދިވެސް އަޞްޙާބުއްސުނަންގައި ރިވާވެގެންވެއެވެ. ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ތިޔަބައިމީހުން ކުޑަގިފިލިން ރައްކާތެރިވާށެވެ. ފަހެ އެއީ ޢާއްމުކޮށް ކަށްވަޅުގެ ޢަޛާބުލިބޭ ކަމެކެވެ. އެހެން ރިވާޔަތެއްގައި އިމާމު އަޙްމަދުގެ ރިވާކުރައްވާފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. "އެދެމީހުނަށް ޢަޛާބު އެލިބެނީ ޣީބަބުނުމާއި ކުޑަގިފިލީގެ ސަބަބުންނެވެ."

ކީރިތި ރަސޫލާގެ އަރިހުން އިމާމު ބުޚާރީ ، ހުވަފެންފުޅެއްގައި ކަށްވަޅުގެ ޚާއްޞަ ޢަޛާބާއި ބެހޭގޮތުން ކީރިތި ރަސޫލާ ޙަދީޘުކުރެއްވި ވަރަށް ދިގު ޙަދީޘެއް ބަޔާންކުރައްވާފައި ވެއެވެ. އޭގައި އެކަލޭގެފާނުންގެ އަރިހަށް ދެބޭކަލަކު ވަޑައިގެން އެކަލޭގެފާނުގެ އަތްޕުޅުގައި ހިތްޕަވައިގެން ދަތުރު ކުރެއްވިއެވެ. އެތާނގައި އެކަލޭގެފާނަށް ފެނިވަޑައިގަތީ އިށީނދެގެން އިންމީހެކެވެ. އޭނާގެ ކައިރީގައި އެހެންމީހަކު ހުރެގެން ބޮޑު ޒަންބޫރަކުން މިމީހާގެ އަނގައިގައި އަޅުވާފައި އިރާލައިގެން ކަނދުރާއާއި ހަމައަށް ގެންގޮސްގޮސް ހުއްޓެވެ. މިގޮތަށް އެއްފަރާތް އިރައި ނިމޭއިރަށް އަނެއްފަރާތް ރަނގަޅުވެދެއެވެ. މިއީ ދޮގުހަދައި އުޅުނު މީހުންނެވެ. އަދި ޤިޔާމަތާއި ޖެހެންދެން މިގޮތަށް މިމީހުނަށް ޢަޛާބު ލިބިލިބި ހުންނާނެކަމަށް ވެއެވެ. ދެން ރަސޫލާއަށް ފެނިވަޑައިގަތީ އޮށޯވެގެން އޮތް މީހެކެވެ. އޭނާގެ ބޮލާވީ ކޮޅުގައި މާސިންގާ ހިލައެއް ހިފައިގެން ހުރި މީހަކު ކޮށްޅަށް ހުރެ އޮށޯވެ އޮތްމީހާގެ ބޮލުގައި ވަރަށް ބާރަށް ޖަހަނީއެވެ. މިހިލައިން ޖެހުމުން ބޯ ޗިސްޗިސްވެގެން ދެއެވެ. އަދި ހިލަގަނޑު ދުރަށް ވިއްސައިގެން ދެއެވެ. ހިލަގަނޑު ވިއްސައިގެން ދިއުމާއެކު ބޯއަލުން ހުރިގޮތަށް ބަދަލު ވެދެއެވެ. އެމީހާ ހިލަގަނޑު ނަގައިގެން އައިސް އަނެއްކާ ވެސް ޖަހައެވެ. ދެންވެސް ބޯ ޗިސްޗިސް ވެދެއެވެ. މިގޮތަށް ޤިޔާމަތާ ޖެހެންދެން މިމީހާ އޭނާގެ ބޮލުގައި ޖަހަޖަހާ ހުންނާނެއެވެ. މިއީ ކީރިތި ޤުރުއާނުގެ ޢިލްމު ލިބި އެއަށް ޢަމަލުނުކޮށް އެއަށް ޣާފިލުވެގެން އުޅޭ މީހުންނެވެ. ދެން އަނެއްކާވެސް ކީރިތި ރަސޫލާއަށް ފެނިވަޑައިގަތީ ރޮށިފިހާ ތައްނޫރީ އުނދުން ފާޑުގެ ބޮޑު އަލިފާން ހޮހަޅައެކެވެ. އޭގެ ތެރޭގައި އޮރިޔާން ޙާލުގައި ވަރަށް ގިނަ އަންހެނުންނާއި ފިރިހެނުން ތިއްބެވެ. އޭގައި އަނދައަނދައި ހުރި އަލިފާންގަނޑު ، މައްޗަށް އަރައިގެން އަންނައިރު އެމީހުންވެސް އަލިފާންގަނޑާއެކު އަރައިގެން އާދެއެވެ. އަދި ތިރިއަށް ދާއިރު އެމީހުން އެތެރެއަށް ވެއްޓެއެވެ. މިމީހުންނަށް ޤިޔާމަތާ ޖެހެންދެން މިގޮތަށް ޢަޛާބު ލިބިލިބި ހުންނާނެއެވެ. މިމީހުންނަކީ ޒިނޭކޮށް އުޅޭ މީހުންނެވެ. ދެން އަނެއްކާވެސް ކީރިތި ރަސޫލާއަށް ފެނިވަޑައިގަތީ ލޭގެ ކޯރެއްގައި އޮތް މީހެކެވެ. އަދި އެކޯރުގެ އައްސޭރީގައިވެސް މީހަކު ހުއްޓެވެ. ކޯރުގައި އޮތް މީހާ ކޯރުން އަރަން މަސައްކަތްކޮށް ހަމަ ކައިރިވާއިރަށް މަތީގައި ހުރިމީހާ ބޮޑު ގާގަނޑަކުން ބޮލުގައި ޖަހައި އެމީހާ ކުރީން އެތް ހިސާބަށް ފޮނުވާލައެވެ. މިގޮތަށް މިފަދަ މީހުނަށް ތާޤިޔާމަތަށް ޢަޛާބު ލިބިލިބި ހުންނާނެއެވެ. މިއީ ރިބާކައިއުޅޭ މީހުންނެވެ. (މިއީ ވަރަށް ދިގު ރިވާޔަތެއްގެ ކުރުކުރު ޚުލާޞާއެކެވެ.)

މައްޔިތާގެ މައްޗަށް އަޑުލައި ރޮއި ހެދުމަކީ މައްޔިތާގެ މައްޗަށް ކަށްވަޅުގެ ޢަޛާބު ލިބޭނެ ކަމެއް ކަމުގައި ޙަދީޘުގައި އައިސްފައި ވެއެވެ. މިކަމާމެދު ޢިލްމުވެރިން ވިދާޅުވަނީ ކާފިރެއްގެ މައްޗަށް ރޮއިހަދާނަމަ އޭނާއަށް ކަށްވަޅުގައި ލިބޭ ޢަޛާބު އިތުރުވާނޭ ކަމަށެވެ. އަދި މުސްލިމަކުނަމަ، އެފަދައިން ރުއިމަށް އޭނާ ވަޞިއްޔަތް ކޮށްފައި ވާނަމަ ކަށްވަޅުގައި އޭނާއަށް އެކަމުން ޢަޛާބުލިބޭނޭ ކަމަށެވެ. އެނޫން މީހަކަށް ޢަޛާބެއް ނުލިބޭނެއެވެ.

ކީރިތި ރަސޫލާ ޙަދީޘު ކުރެއްވުމޭ ބުނެ ބަހެއް ބުނުމަކީ ވަރަށް ބޮޑު އަމާނަތެކެވެ. ޞައްޙަ ސަނަދުން ވާރިދުވެގެންވާ ބަސްފުޅެއް ނޫނީ ކީރިތި ރަސޫލާއަށް ނިސްބަތް ކޮށްގެން ނުވާނެއެވެ. މިގޮތަށް އެކަލޭގެފާނު ވިދާޅުނުވާ ބަހެއް އެކަލޭގެފާނަށް ނިސްބަތްކުރުމަކީ އެކަލޭގެފާނުގެ މައްޗަށް ދޮގުބުހުތާން ނިސްބަތް ކުރުމުގެ އިތުރުން ދީނަށް ދޮގުބަސް ނިސްބަތް ކުރުމެވެ. އެކަލޭގެފާނު ޙަދީޘު ކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ މައްޗަށް ދޮގު ހެދުމަކީ އާދައިގެ މީހެއްގެ މައްޗަށް ދޮގު ހެދުންފަދަ ކަމެއްނޫނެވެ. ތިމަކަލޭގެފާނުގެ މައްޗަށް ދަނެގެން ދޮގުބަސް ރައްދުކޮށްފިމީހާ ފަހެ އޭނާގެ ޖާގަ (ކަށްވަޅުގެ ނުވަތަ ނަރަކައިގެ) އަލިފާނުން ހޯދައި ހަމަޖައްސާހުށިކަމެވެ." (ޝާފިޢީ، އަޙްމަދު، ބުޚާރީ، މުސްލިމް، ނަސާއީ)

ކޮންމެއަކަސް އިންސާނާ މަރުވުމަށް ފަހު އޭނާގެ ހަށިގަނޑު ކަށްވަޅާ ހަވާލުވީއެވެ. ކަށިތައް ފީވެ ވެއްޔަށް ވެގެންދާނެއެވެ. ބިމުގެ ފަނިފަޚުސާތަކުގެ ކެއުމަކަށް ބަދަލުވެވުނީއެވެ. އެތަކެތި ހަށިގަނޑު ކަމުން ދިޔަކަމުގައި ވިއަސް އެއަށްލިބޭނެ ޢަޛާބު ފުރިހަމައަށް ލިބެމުންދާނެއެވެ. ތާޤިޔާމަތަށް މިކަން މިގޮތުގެ މަތީގައި ދެމިގެންދާނެއެވެ.

މީހާ މަރުވުމަށް ފަހު އޭނާ ހޯދިހައި މުދަލަކާއި އަޅާފައިހުރި ބޮޑެތި ގެތަކާއި އާރާއި ބާރާއި ވެރިކަމާއި ނުފޫޒާއި މިއިން އެއްވެސް އެއްޗެއްގެ ފައިދާއެއް އޭނާއަކަށް ނުކުރާނެއެވެ. އޭނާއަށް ފައިދާއެއް ލިބޭނީ ހަމަ އެންމެ ތިންކަމަކުންނެވެ. "އެއީ އޭނާ ކޮށްފައިހުރި ދެމިހުންނަނިވި ޞަދަޤާތެކެވެ. ނުވަތަ އޭނާ މީހަކަށް އުނގަންނައިދީފައި ހުރި ފައިދާދެނިވި ޢިލްމެކެވެ. ނުވަތަ އޭނާއަށް ހެއުދުޢާކޮށްއުޅޭނެ ތަޤުވާވެރި ދަރިއެކެވެ." (އަޙްމަދު، ބުޚާރީ، މުސްލިމް، ނަސާއީ)

މާތް ﷲ އަޅުގަނޑުމެން އެންމެން ކަށްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވާށިއެވެ. އާމީން.

0 comments:

Latest Articles

Newsletter

Click to Download

Archive

About

My photo
Mal'e, Maldives
Majeediyya School Islamic Forum is a co-curricular club working inside Majeediyya to promote and uphold Islamic awareness amongst the students.