ބަރަކާތްތެރި ރަމަޟާން މަހުގައި މުއުމިން އަޅާ ތަފާތު އެކިއެކި އަޅުކަންތަކާއި ހެޔޮކަންތައް ކޮށް އޭނާގެ ވެރި އިލާހުގެ ރުހިވޮޑިގަތުން ހޯދައެވެ. އަދި އެއިލާހުގެ ރުއްސެވުން ޙާޞިލުކޮށް ސުވަރުގެ ވަންތަވެރިއަކަށް ވެއެވެ. = އަބޫ ރާއިޢު =

ރަޙުމަތާއި ފާފަފުއްސެވުމާއި، އަޅުކަމާއި، ދަރުމައިގެ ބަހާރު މޫސުން އަހުރަމެންނާ ކުރިމަތިލައިފިއެވެ. އެއީ ހިދާޔަތާއި ތެދުމަގުގެ ދާއިމީ ޚަޒާނާ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުގެ ދެމިގެންވާ ދަސްތޫރު، ކީރިތި ރަސޫލާ (صلى الله عليه و سلم) ގެ އެންމެ މަތިވެރި މުޢުޖިޒާ، މަތިވެރި އިލާހު، ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެންމެ ފަހުގެ ފޮތް، ކީރިތި ޤުރްއާން ބާވާލެއްވުނު ބަރަކާތްތެރި ރަމަޟާން މަހެވެ.

ސަލްމާނުލް ފާރިސީ (رضى الله عنه) ވިދާޅުވެފައި ވެއެވެ. ޝަޢުބާން މަހުގެ ފަހު ދުވަހުގައި ކީރިތި ރަސޫލާ (صلى الله عليه و سلم) ޚުޠުބާއެއް ދެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ. " އޭމީސްތަކުންނޭވެ! މަތިވެރިކަމާއި ބަރަކާތުން ފުރިގެންވާ މަހެއް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. މިމަހުގައި އެއްހާސް މަހަށް ވުރެ ހެޔޮކަން އިތުރުވެގެންވާ ރެއެއް ވެއެވެ. މިމަހުގެ ރޯދަ ﷲ ސުބްޙާނަހޫ ވަތަޢާލާ ފަރުޟުކުރެއްވިއެވެ. މިމަހުގެ ރޭތަކުގެ ޤިޔާމުކުރުން އަޅުކަމެއްގެ ގޮތުގައި ލައްވާފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ތަޤައްރުބު ހާސިލުކުރުމަށް މީހަކު ސުންނަތް އަޅުކަމެއް ކޮށްފިއްޔާ އެހެން ދުވަސްތަކުގައި އަދާކުރެވޭ ފަރުޟަކާ އެއްވަރަށް ދަރުމަ ދެއްވައެވެ. ފަރުޟެއް އަދާކޮށްފިއްޔާ އެހެން ދުވަސް ތަކުގައި އަދާކުރެވޭ 70 ފަރުޟާއި އެއްވަރަށް ދަރުމަ ދެއްވައެވެ.

މިއީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ ބަދަލަކީ ސުވަރުގެއެވެ. މިއީ އޯގާތެރިވުމާއި އެހީތެރިވުމުގެ މައްސަރެވެ. މިމަހުގައި މުއުމިން އަޅާގެ ރިޒުޤު ތަނަވަސްކޮށް އިތުރުކުރެވެއެވެ. ރޯދަވެރިއެއްގެ ރޯދަވީއްލުވައި ދިނުމުންނެވެ. އެއަޅާގެ ފާފަތައް ފުހެވުމާއި ނަރަކައިން މުއްތިވުމުގެ ސަބަބަކަށް ވެގެންދެއެވެ. " ދެންނެވުނެވެ. އޭﷲގެ ރަސޫލާ (صلى الله عليه و سلم) ތިމަންމެންގެ ތެރޭގެ ކޮންމެ މީހަކަށް ރޯދަ ވީއްލުވައި ދެއްވާނެ އެއްޗެހި ލިބިގެނެއް ނުވެއެވެ. ޙަދީޘު ކުރެއްވިއެވެ." ކިރު ފޮދެއް ނުވަތަ ކަދުރު ކޮޅަކުން ނުވަތަ ފެން ކޯވަރަކުން ރޯދަ ވީއްލުވައި ދިންކަމަށް ވިއަސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް ފުރިހަމަ ދަރުމަ ދެއްވާނެއެވެ. އަދި ރޯދަވެރިޔާ ބަނޑު ފުރާލެވޭ ވަރަށް ކާންދީފިނަމަ އޭނަގެ ފާފަތައް ފުހެވުމުގެ ސަބަބަކަށް ވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނުގެ ޙައުޟުން (ކައުޘަރޭ ކިއުނު އާރުން) އެމީހަކަށް ބަނޑު ފުރެންދެން ފެން ދެއްވާނެއެވެ. އޭގެ ފަހުން ސުވަރުގެއަށް ވަދެވެއްޖެއުމަށް ދާންދެން އޭނާއަށް ފެން ބޮވައިގަތުމެއް ނުވާނެއެވެ." ރޯދަވެރިޔާއަށް ލިބޭ ދަރުމައިން އެންމެ އެއްޗެއް އުނިކުރެވުމަކާ ނުލައި ރޯދަ ހިފި މީހާއަށް ލިބޭ ފަދަ ދަރުމަ ލިބޭ ހުއްޓެވެ. އަދި މިމަހުގެ ފުރަތަމަބަޔަކީ ރަޙުމަތެވެ. މެދުބަޔަކީ ފާފަފުއްސެވުމެވެ. އަދި ފަހުބަޔަކީ ނަރަކައިން މުއްތި ކުރުމެވެ. އަދި މިމަހުގައި އެމީހެއްގެ ޚާދިމެއްގެ ކަންތައްތަކުގައި އޭނައަށް ލުއިކޮށްފި މީހާގެ ފާފަތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ފުއްސަވާނެއެވެ. އަދި ނަރަކައި މުއްތި ކުރައްވާނެއެވެ." (شعب الإيمان - للبيهقى)

ރަމަޟާން މަހުގެ އަހައްމިއްޔަތާއި މަތިވެރިކަން ބަޔާންވެ ހާމަވެގެންދާ، ކީރިތި ރަސޫލާ (صلى الله عليه و سلم) މިޚުޠުބާ އިން ފާހަގަވާ ކަންތައްތަކެއް ވެއެވެ.

1- ރަމަޟާން މަހުގެ މާތްކަން. ކީރިތި ޤުރްއާން ބާވާލެއްވުނީ މިމަހުގައެވެ. شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ (البقرة 185) "ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. (އެޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާ އަދި ހިދާޔަތުގެ ފާޅުވެގެންވާ ދަލީލުތަކެއް ކަމުގައްޔާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި، ސާފު ހެކިތަކެއް ކަމުގައެވެ."

ރަމަޟާން މަހަށް މިމަތިވެރިކަންވެސް ލިބިގެން ވެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވާލެއްވެވި އެހެން ފޮތްތައް ވެސް މިމަހުގައި ބާވާލެއްވި ކަމެވެ. واثلة بن أسقع އަރިއަހުން އިމާމު އަޙުމަދު ރިވާކުރެއްވިއެވެ. އިބްރާހީމުގެފާނުގެ ޞުޙުފު ރަމަޟާން މަހުގެ އެކެއްގައި، ތައުރާތު ރަމަޟާން މަހުގެ ހައެއްގައި، ޒަބޫރު ރަމަޟާން މަހުގެ ބާރައިގައި، އިންޖީލު ރަމަޟާން މަހުގެ ތޭރައިގައި ބާވާލެއްވުނެވެ. (المسند لأحمد بن حنبل)

ރަމަޟާން މަހަކީ، ރަޙުމަތްވަންތަކަމާއި ބަރަކާތްތެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިކަމާއި ދެއްވުންތަކުން ފުރިގެންވާ މަތިވެރި މައްސަރެވެ. އީމާންކަމުގެ އަހުލުވެރިން މުޅި އަހަރު މިމަތިވެރި މަހަށް އިންތިޒާރު ކުރުމުގައި ރެއާދުވާލު ގުނަމުންދެއެވެ. އަދި މިމަހުގެ އިސްތިޤުބާލަށްޓަކައި އުއްމީދުން ފުރިގެންވާ ތަނަވަސް ހިތަކުން ފާރަލުމާއެކު ބަލަބަލާ ތިބެއެވެއެވެ. މިމަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުން އޮހެމުން ދެއެވެ. މިއީ ދީނާއި ދުނިޔެ ހެޔޮގޮތުގައި ލިބުމާއި އެކު އާޚިރަތް ބާއްޖަވެރިކުރުމަށް ލިބޭ ދުވަސްތަކަކެވެ. ޢަބްދުﷲ ބިން މަސްޢޫދު(رضى الله عنه)ގެ އަރިއަހުން ރިވާވެގެންވެއެވެ. ރަމަޟާން މަސް ކާރިވުމުން ކީރިތި ރަސޫލާ(صلى الله عليه و سلم) ޙަދީޘުކުރެއް ވިއެވެ. " ރަމަޟާން މަހުގައިވާ ކަންތައްތައް އެނގިއްޖެނަމަ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން (ރަމަޟާން މަސް) އަހަރަކަށް ވެގެން ދިއުމަށް އުއްމީދު ކުރާނެކަން ކަށަވަރެވެ." ޚުޒާޢާ ވަނަހައިގެ މީހަކު ދެންނެވިއެވެ. އޭ ރަސޫލުﷲ(صلى الله عليه و سلم) އޭގައި ވަނީ ކޮން ކަމެއްތޯ؟ ޙަދީޘުކުރެއް ވިއެވެ. "ހަމަކަށަވަރުން ސުވަރުގެ އެއްއަހަރުން އަނެއް އަހަރަށް ރަމަޟާން މަހަށްޓަކައި ޒީނަތްތެރި ކުރެވެއެވެ. ރަމަޟާން މަހުގެ ފުރަތަމަ ރޭ އައުމާއެކު ޢަރުޝުގެ ދަށުން ގަދަވައެއް އަންނަން ފަށައެވެ. ފަހެ ސުވަރުގޭގެ ގަސްތަކުގެ ފަތްތައް ބަދަލުވެ އާވެއެވެ. ޙޫރުލްޢީނުންނަށް މިކަންތައް ފެންނާނެއެވެ. އެމީހުން ދަންނަވާނެ! އޭއަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އެމީހުންނީ އަޅަމެންގެ ލޯތަކަށް ފިނިކަމެއްގެ ގޮތުގައިވާ އަދި އަޅަމެން އެމީހުންގެ ލޮލުގެ ފިނިކަމެއްގެ ގޮތުގައިވާ އަޅަމެންގެ ފިރީން މިމަހުގައި އިނބައިލާހުގެ އަޅުން ތަކުގެ ތެރެއިން ލައްވާދޭވެ!"



0 comments:

Latest Articles

Newsletter

Click to Download

Archive

About

My photo
Mal'e, Maldives
Majeediyya School Islamic Forum is a co-curricular club working inside Majeediyya to promote and uphold Islamic awareness amongst the students.